Last Updated: April 25, 06:23
Friday, April 25, 2025
މުނިފޫހިފިލުވުން

ޓައިގާ އަށް މަރުގެ އިންޒާރު ދީފި

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް މަރައިލާނެ ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު މަރައިލާނެ ކަމަށް ބުނެ އިންޒާރުގެ ކޯލެއް އިއްޔެ ލިބުނީ މުމްބާއީގެ ފުލުހުންނަށް ކަމަށެވެ. އެގޮތުން ދިން އިންޒާރުގައި ޓައިގާ މަރައިލަން މީހަކާ ހަވާލުކޮށް އޭނަގެ އަތަށް ބަޑިއެއް ދީފައިވާ ކަމަށާއި ޓައިގާ މަރައިލާ މަތިން އެ މީހާ އަށް 200،000 ރުޕީސް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ކޯލާ ގުޅިގެން މުމްބާއީގެ ފުލުހުން ފެށި ހާއްސަ ތަހުގީގުގެ ތެރެއިން ކޯލް ކުރި މީހާ ދެނެގަނެ، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަލުން ބުނީ ކޯލް ކޮށްފައި ވަނީ ޕަންޖާބު ކަޕުރްތަލާ އިން ކަމަށާއި ހައްޔަރުކޮށްފައި ވަނީ މަނީޝް ކުމާރު ސުޖިންދަރު ކިޔާ 35 އަހަރުގެ މީހެއް ކަމަށެވެ. އޭނަގެ މައްޗަށް ފުލުހުން މިހާރު ވަނީ ދެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެއީ ދޮގު މައުލޫމާތު ދިނުމާއި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދިދާނެ ފަދަ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ.

މަނީޝްއާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ އޭނަ ޓައިގާ މަރައިލަން އިންޒާރު ދިނީ އަމިއްލަ މައްސަލައަކާ ހެދި ކުރިމަތިވެފައިވާ ހާޖާނުގަނޑަކާ ހެދި ކަމަށެވެ. އެގޮތުން ޓައިގާ މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިނީ އަދާކުރާ ވަޒީފާ އަށް ގަވައިދުން ހާޒިރު ނުވާތީ މުސާރަ އިން އުނިކޮށްފައިވާތީ، މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފަކު ކުރާ ކަމެއްގެ ސަބަބުން ކުންފުނީގެ ބަދުނާމު ކުރަން ހިތުލައިގެންނެވެ.

އެގޮތުން މިއީ ކުންފުންޏާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން މަނީޝް ދިން އިންޒާރެއް ކަމަށް ބުނެފައިވެ އެވެ.