ދެ އަތޮޅެއްގެ ހޮސްޕިޓަލްތަކެއްގެ އާ އިމާރާތް އަޅަން ހެލްތު މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެއީ ތިނަދޫ ސިޓީގައި ހިންގާ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ ޢިމާރާތާއި ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތެވެ.
މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމެވެ.
ދޮޅު އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ތިނަދޫ ހޮސްޕިޓަލްގެ އާ އިމާރާތް ހަވާލުކުރީ 147 މިލިއަން ރުފިޔާއަށެވެ.
އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް ވެސް އެމްޓީސީސީއާ ހަވާލުކުރީ ދޮޅު އަހަރުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 161 މިލިއަން ރުފިޔާ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ދެ ހޮސްޕިޓަލްގެ އާ އިމާރާތްތައް ނިމި ބޭނުންކުރަން ފެށުމުން ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޯށް ދިނުމަށް ބޭނުން ވާނެ ހުރިހާ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެ ކަމަށެވެ.