ހަތިޔާރު އެޅި ބަޔަކު ކަޝްމީރަށް ދިން ހަމަލާތަކެއްގައި 26 މީހަކު މަރުވެ، 17 މީހަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ހަމަލާތައް ދީފައި ވަނީ ކަޝްމީރުގެ އިންޑިއާވީ ފަޅީގެ ހިތްގައިމު ޕަހަލްގާމް ސަރަހައްދަށް ކަމަށެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ އެ ސަރަހައްދަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 25 މީހަކާއި ނޭޕާލްގެ މީހެކެވެ.
މަރުވި މީހުންނާއި ޒަހަމްވި މީހުންނަކީ ޓޫރިސްޓުންގެ ގޮތުގައި ޕަހަލްގަމް އަށް ގޮސް އުޅުނު ބައެކެވެ.
މިއީ 2008 ގައި މުމްބާއީގައި ދިން ޓެެރަރިސްޓް ހަމަލާގެ ފަހުން އިންޑިއާ އަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ. ކަޝްމީރަކީ އިންޑިއާ އާއި އަވަށްޓެރި ޕާކިސްތަނާ ދެމެދު މިލްކުވެރިކަމުގެ މައްސަލައިގައި އަބަދު ވެސް ކޯޅުންތައް ބޮޑު ސަރަހައްދެކެވެ.
އެގޮތުން ދެ ގައުމުން ވެސް އެތަނުގެ ކޮންޓްރޯލް އަތުލަން މަސައްކަތްކުރާ އިރު، ކަޝްމީރުގައި ދެވޭ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އިންޑިއާ އިން އަބަދު ވެސް އަޅުުވަނީ ޕާކިސްތާންގެ ބޮލުގަ އެވެ.
އިއްޔެ ދިން ހަމަލާއާ ވެސް ގުޅިގެން ޕާކިސްތާނަށް އިނގިލި ދިއްކޮށްފައިވާ އިރު، މި ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ސައޫދީ އަރަބިއްޔާ އަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރު ކުރުކޮށްލައްވައި މިއަދު ހެނދުނު ވަނީ ނިއު ދިއްލީ އަށް ވަޑައިގެންފަ އެވެ.
އަދި ހަމަލާ ގުޅިގެން ކެބިނެޓް ހާއްސަ މީޓިންއެއް މެންދުރު ބާއްވަން އަންނަނީ ތައްޔާރުވަމުން ކަމަށް މީޑިއާތަކުން ބުންޏެވެ.
އަންގާރަ ދުވަހުގެ ހަމަލާގެ ޒިންމާ "ކަޝްމީރު ރެސިސްޓަންސް" ކިޔާ ޖަމާއަތަކުން މިހާރު ވަނީ ނަގައިފަ އެވެ.