Last Updated: April 24, 10:55
Thursday, April 24, 2025
ޚަބަރު

ޝައްމާނަށް ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވީމަ

ކުރީގެ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދަށް ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވުމުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިހުސާން ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލުކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޝައްމާނާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އިހުސާން ވިދާޅުވީ ސަރުކާރުގެ ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ޝަމްއާންއާ އެކު ކުރަމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމާ ހިތްހަމަޖެހިވަޑައިގަތް ކަމަށް ވެސް ވިދާޅުވި އެވެ.

"މަސައްކަތުގެ މާހައުލުގައި އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު. ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރީ އެއްކޮށް. ވަރަށް ރަނގަޅަށް،" އޭނަ ވިދާޅުވި އެވެ.

ނަމަވެސް ޝައްމާން މަގާމުން ވަކިކޮށް ހައްޔަރުކުރީ ގާނޫނާ ހިލާފު ކަންކަން ކުރުމުން ކަމަށް ވިދާޅުވި އެވެ.

"އަދުގެ ސަރުކާރުން އެއްވެސް މީހަކު އެއްވެސް ހިސާބަކުން ގާނޫނާ ތައާރުޒުވާ ހިސާބަކުން އެ ބޭފުޅަކަށް އަޅުގަނޑުމެން އިސްތިސްނާ ހާލަތެއް ނުއެއް ދޭނަން. އެކަން ރައީސް މުއިއްޒު ގެންދަވަނީ ސާބިތުކަމާ އެކު އަޅަމުން." އިހުސާން ވިދާޅުވި އެވެ.

ޝައްމާން މަގާމުން ވަކިކުރީ މިދިޔަ މަހުގެ 21 ގަ އެވެ. އަދި އޭނަ ހައްޔަރުކުރީ އެ މަހުގެ 22 ގަ އެވެ.
ޝައްމާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒުގެ ބޭނުންކޮށް މުވައްޒަފުންތަކެއް ލައްވައި، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓައި، ފަހުން ފައިސާތަކެއް އަތުލުން ހިމެނެ އެވެ.

ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ދެ ބަންދު އަމުރު އޮތީ ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުން މައްސަލަ ބަލައިގަނެ އިސްތިއުނާފުގެ ޝަރީއަތް ވެސް އޮތީ ފަށައިފަ އެވެ.