Last Updated: April 24, 11:08
Thursday, April 24, 2025
މުނިފޫހިފިލުވުން

މަދޫރީ އާއި ޓްރިޕްތީގެ ފިލްމަކީ "މާ ބެހެން"

ބޮލީވުޑްގެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީ އެކީގައި ކުޅެން ހަމަޖެހިފައިވާ އާ ފިލްމުގެ ނަމަކީ "މާ ބެހެން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ އަބުންދާތިއާ އެންޓަޓައިންމަންޓާއި ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި މުމްބާއީގައި ކަމަށެވެ. ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ހަދާ "މާ ބެހެން" ގެ ޑައިރެކްޓަރަކީ ސުރޭޝް ތުރިވޭނީ އެވެ. އޭނަ އަކީ ވިދިއާ ބާލަންގެ "ތުމާރީ ސުލޫ" އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "މާ ބެހެން" ގައި މަދޫރީ ކުޅޭނީ ޓްރިޕްތީގެ މަންމަގެ ރޯލެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ދެ ތަރިން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" ގެ ކާސްޓްގައި ވެސް ޓްރިޕްތީ އާއި މަދޫރީ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "މާ ބެހެން" ގެ ކާސްޓްގައި ރަވީ ކިޝަން އާއި ދަރްނާ ދުރްގާ ވެސް ހިމެނެ އެވެ.

ދެހާސް ތޭވީހުގައި ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ޓްރިޕްތީ ކުޅުނު "ބޯލްޑް" ރޯލާ އެކު އޭނަ މިހާރު ވެފައި ވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ސިދާންތު ޗަތުރަވެދީއާ އެކު ކުޅެފައިވާ "ދަޅަކް 2" އެވެ.

ޝާހިދު ކަޕޫރާ އެކު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމެއްގެ މަސައްކަތް ވެސް ޓްރިޕްތީ އަންނަނީ ކުރަމުންނެވެ.