އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަހަލްގަމްގައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާގައި ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމުވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުވެ ތިބޭނެ ކަމަށާއި މި ހިތްދަތި ދަނޑިވަޅުގައި އަސަރުކޮށްފައިވާ އާއިލާތަކާއެކު ދިވެހިން ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކަޝްމީރުގެ ޕަހަލްގަމްގައި ފަތުރުވެރިންނަށް އަމާޒުކޮށް ބަޔަކު ދިން ބަޑީގެ ހަމަލާގައި 26 މީހަކު މަރުވެ، ގިނަ ބަޔަކަށް ވަނީ ޒަހަމުވެފަ އެވެ.
މި ހަމަލާގެ ޒިންމާ ކަޝްމީރު ރެސިސްޓަންސް ފްރަންޓް (ޓީއާރުއެފް) ޖަމިއްޔާއިން ނަގާފައިވާ އިރު، އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ.