Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

އިޒްރޭލު ޕާސްޕޯޓު މަނާކޮށްގެން ޓޫރިޒަމަށް ގެއްލުމެއް ނުވޭ

އިޒްރޭލު ޕާސްޕޯޓު މަނާކޮށްގެން ޓޫރިޒަމަށް އަދި ގެއްލުމެއް ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން ރާއްޖެ ބޮއިކޮޓް ކުރުން ގޮވާލުންފަދަ ކެމްޕޭންތަކެއް ކުރިއަށްނުދާ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް މޮނީޓާ ކުރަމުން މި ދަނީ ކޮބައިތޯ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އުޅޭތޯ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، މިކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ފިޔަަވަޅު އެޅީ ކީއްވެގެންކަން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިމްޕޮމެޓިކް މިޝަންތަކަށް އަންގަމުންދާ ކަަމަށެވެ.

މީގެއިތުރުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމުމުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާއްޖެއަށް ތައުރީފު އަމާޒުވާ ގޮތަށް ހަބަރު ގެނެސްދީފައި ކަމަށްވެސް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމީ މިމަހުގެ 15 ގަ އެވެ.

ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމު ކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް ކުރިން ވެސް ތަކުރާރުކޮށް ގޮވާލައްވާފައިވެ އެވެ.