Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

ޝަމްއާންގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި އަމުރުތައް ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ދިގު ބަހުސްތަކެއް ކޮށްފައިވެ އެވެ. މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށް އިއުލާންކޮށްފަ އެވެ.

ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.