އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ހުޅުވޭނެ އިރެއް ނޭނގޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެ ރިސޯޓް އޮޕަރޭޝަނަށް އަލުން ގެނެވޭނެ ގޮތެއްވުން ކަމަށެވެ. އެގޮތުން 2020 ގައި ކޮވިޑާ ވިދިގެން ބަންދުކޮށްފައި އޮތް ރިސޯޓްގެ މެދު ހާލަތު ބައްލަވާލެއްވުމަށް މިދިޔަ ރޯދަ މަހު އެ ރަށަށް ވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރިސޯޓް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި ކުދިކުދި ބައެއް މަރާމާތުކޮށްގެން ތަން ހުޅުވިދާނެ ކަމަށެވެ. އެހެންވެ އެތަން ހުޅުވޭނެ ތާރީހަކާއި ގުޅޭ ގޮތުން ސަރުކާރުން ކޮށް ދެވެން ހުރީ ކޮން ކަމެއްތޯ ބަލަން ޝަންހްރިއްލާ ގްރޫޕްގެ މެނޭޖްމަންޓާ ބައްދަލުކޮށް ދާދި ފަހުން މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުމުގައި ރިސޯޓް އަލުން އޮޕަރޭޝަނަށް ގެންނަން ރޯޑްމެޕެއް އެކުލަވާލަން މެނޭޖްމަންޓުން އެއްބަސް ވެސް ވި އެވެ.
"[ނަމަވެސް] އަޅުގަނޑަށް ސީދާ ދަންނަވަން ދަތި ސީދާ ކިހާ ދުވަހެއްގެ ރިޕެއާ ވޯކަށް ފަހު ކަމެއް އެތަން ހުޅުވޭނީ." މިިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރަށް އަލުން އޮޕަރޭޝަނަށް ވާހަކަ ދެކެވޭ އިރު، މެނޭޖްމަންޓުން ފާހަގަކުރާ އެންމެ ބޮޑު އެއް ކަމަކީ އައްޑު އަށް އޮތް ކަނެކްޓިވިޓީގެ މައްސަލަ ކަމަށެވެ. އެގޮތުން ބޭރުގެ އެއާލައިންތަކުން ޝެޑިއުލްކޮށް ދަތުރުތައް ބޭއްވޭ ވަރަށް އައްޑޫގައި ބެޑް ކެޕޭސިޓީ ނެތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެއާލައިންތަކާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށާއި ގޮންޖެހުންތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އައްޑޫގައި ފްލައިޓެއް ރެގިއުލާކޮށް އޮޕަރޭޓްކުރާ ވަރަށް، ބޮޑު ފްލައިޓެއް އޮޕަރޭޓްކުރާ ވަރަށް އެނދެއް އަދިއެއް ނެތް. އެހެން ނަމަވެސް އެނދުތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަނީ،" ތޯރިގް ވިދާޅުވި އެވެ. "ރަނގަޅު ބެޑް ކެޕޭސިޓީ އެއް ލިބިއްޖެ ނަމަ އައްޑު އަށް ފީސިބްލްވެގެން ދާނެ."
އައްޑު އަށް މި ވަގުތު ދަތުރުކުރާ ބޭރުގެ ހަމައެކަނި އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އަދި އައްޑޫގައި ތިން ރިސޯޓެއް ހިންގަމުން އަންނަ އިރު، ގެސްޓްހައުސްތަކެއް ވެސް ހިންގަ އެވެ. އައްޑޫގައި ހިންގަމުން އަންނަ ތިން ރިސޯޓަކީ ކެނަރީފާއި ސައުތު ޕާމްގެ އިތުރުން އީކްއޭޓަ ވިލެޖެވެ.