الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ވިޔަފާރި މުދަލުން ޒަކާތް ނެރުން ވާޖިބުވަނީ ހިޖުރީ ގޮތުން އަހަރެއްވުމުން، ވިއްކުމަށް ބަހައްޓާފައި ހުރި މުދަލުގެ އަގުކޮށް އެއިން 2.5 ޕަސެންޓެވެ. އަގުކުރުމުގައި ބަލާނީ: އެ މުދާ ވިއްކާ އަގަށެވެ. އެ މުދާ ގަތް އަގަކަށް ނޫނެވެ. އަދި ގަނޑުކޮށް މުދާ ވިއްކާ މީހެއްނަމަ އަގުކުރާނީ ގަނޑުކޮށް ވިއްކާ އަގަށެވެ. އަދި ވަކިވަކިން ވިއްކާ މީހެއްނަމަ އަގުކުރާނީ ވަކިން ވިއްކާ އަގަށެވެ.
އަދި އަހަރު ނިމޭއިރުގައި އަތުގައި ހުރި ވިޔަފާރިއާ ގުޅިފައިވާ ފައިސާ (petty cash) ހުރި ނަމަ، އެވެސް ވިޔަފާރި މުދަލުގެ އަގުގެ ތެރެއަށް އިތުރު ކުރާނީ އެވެ. އަދި ހަމަ އެފަދައިން މީސްތަކުންނަށް މުދާ ދަރަންޏަށް ދޫކޮށްފައިވާ ނަމަ، އޭގެ ތެރެއިން ލިބޭނެ ކަމަށް އުންމީދުކުރާ ބައިވެ ސް އެއަށް އިތުރު ކުރާނީ އެވެ. އަދި އެ ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު އަންނަ ޖުމްލަ އަގުގެ 40 ބައިކޮށްފައި އެއްބައި (އެބަހީ: 2.5 ޕަސެންޓް) ނެރޭނީ އެވެ.
މުދާތައް މިގޮތަށް އަގުކުރާ އިރު ވިޔަފާރިވެރިޔާ އިންވެސްޓުކުރި ފައިސާއަށް ބަލާކަށް ނުޖެހޭނެ އެވެ.
މިސާލަކަށް:
އަހަރު ނިމޭއިރު މީހަކު އޭނާ ވިއްކަން ގެންގުޅޭ ތަކެތި އަގުކުރި އެވެ. އެއީ އޭނާ އެއެއްޗެހި ވިއްކާ އަގަށް ބަލައިގެންނެވެ. އޭގެ އަގަކީ 37،0536ރ. އެވެ. އެހެންކަމުން އޭގެ 2.5 ޕަސެންޓަކީ 9،263.4ރ. އެވެ. އޭނާ ޒަކާތުގެ ގޮތުގައި އެއިން ނެރެން ޖެހޭނެ މިންވަރަކީ 9،263.4ރ. އެވެ.
އަދި އެ ވިޔަފާރީން އެމީހަކަށް ލިބިފައިފާ ފައިދާ ހިޖުރީ އަހަރެއް ނިމެންދެން އޭނާގެ އަތުގައި ހުރިނަމަ އޭގެންވެސް 2.5 % ނެރޭނީއެވެ. އަދި އެ އަހަރުގެ ތެރޭގައި އޭނާ އެ އެއްކޮށް ހޭދަކޮށްފައިވާނަމަ ނުވަތަ އޭގެ ބައެއް ހޭދަކޮށްފައިވާ ނަމަ ޒަކާތް ނެރުން ލާޒިމުވާނީ އަހަރު ނިމޭ އިރުގައި އޭނާގެ އަތުގައި ހުރި އެއްޗަކުންނެވެ.
ޚުލާޞާއަކީ: ވިޔަފާރި މުދަލުން ޒަކާތް ނެރޭނެ ގޮތަކީ
(އަހަރު ނިމޭއިރު އަތުގައި ހުރި ވިޔަފާރިއާ ގުޅިފައިވާ ފައިސާ (petty cash) + އަހަރު ނިމޭއިރު ވިޔަފާރީގެ މުދަލުގެ އަގުކުރުން އަރާ މިންވަރު (އަގުކުރާނީ އޭނާ މުދާ ވިއްކާ އަގަށް) + އޭނާއަށް ލިބޭނެ ކަމަށް އުންމީދުކުރެވޭ ދަރަނި + އަހަރު ނިމުނު އިރު އެ ވިޔަފާރިން ލިބިފައިވާ ފައިދާގެ ބާކީ ހުރި ވަރު) ÷ 40
ވިޔަފާރިވެރިޔާ ނަގާފައިވާ ދަރަނިތައް މިއިން އުނިކުރާކަށް ނުޖެހޭނެ އެވެ.
والله أعلم
މަސްދަރު: ދިސަލަފިއްޔާ