Last Updated: April 24, 11:08
Thursday, April 24, 2025
ޚަބަރު

ދަނގެތީގައި އައު އިންޖީނުގެއެއް އަޅަން ހަވާލުކޮށްފި

އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. މި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީން އެވެ.

މިއީ 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 14،870،413ރ. އަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވީ ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ. ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށާއި، މިއަދުގެ މި އެއްބަސްވުމާއި އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށްވެސް ވިދާޅުވި އެވެ.