އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާއިން 1500 ދިވެހިން ތަމްރީނު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަދި އަދި ގައުމީ ޔުނިވާސިޓީ ފަރާތުން ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާގައި ތަމްރީނުވެފައި ތިބި ދިވެހިންގެ އަދަދު މަދު ކަމަށާއި މި ދާއިރާއިން މީހުން ތަމްރީން ކުރުމަށް ސަރުކާރުން ފެށި މި މަސައްކަތުގެ ސަބަބުން މިދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މިދާއިރާއިން މީހުން ތަމްރީން ވުމަށް ހުޅުވާލާ މި ފަދަ ފުރުސަތުގެ ބޭނުން ދިވެހި ހިފުމަށް އިލްތިމާސްކުރެއްވި އެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީން ކުރުމަށް ނިންމާފައިވާ އެލައިޑް ހެލްތްއަށް ނިސްބަތް ވާ ވަރަށް ގިނަ ދާއިރާތައް ހިމެނެ އެވެ.
އޭގެތެރޭގައި ކައުންސިލިން، ސްޕީޗްތެރަޕީ، އޮކިއުޕޭސަނަލްތެރަޕީ، ފިޒިއޮތެރަޕީ، ކޮމިއުނިޓީހެލްތް، ޑައެޓީޝަނުން، ޕެރަމެޑިކްސް ރޭޑިއޯގްރަފީ، ބައޯމެޑިކަލް އިންޖީނިއަރިން ފަދަ މުހިއްމު ދާއިރާތައް ހިމެނެ އެވެ.