މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލަ ފުލުހުން ތަހުގީގު ކުރަނީ އާންމު އުސޫލުން ބޭރުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ތަންފީީޒު ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބަކަށްވާއިރު، މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނުނު ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު މީގެ ކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާ ހިލާފަށް ފުލުހުން އަމަލުކުރަމުންދާކަން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ފާހަގަކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި ހާދިސާގެ ތަހުގީގުގައި އާންމު އުސޫލުން ބޭރުން، ހާއްސަ ގޮތަކަށް ފުލުހުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާއިިރު، ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
"ފުލުހުންގެ އިދާރާއަށް ގޮވާލަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންގޮސް، ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ،" އެ ބަޔާނުގައިވެ އެވެ.
މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާ ނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، އެ ވަބާގައި ޒުވާނުން ޖެހި، އިޖުތިމާއީ ފޭރާން ވީރާވާވަމުން އަންނަކަން ފާހަގަކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، އެ ވިޔަފާރި ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.