Last Updated: April 24, 10:55
Thursday, April 24, 2025
ޚަބަރު

އަންހެން ކުއްޖާ ވެއްޓުން: ފުލުހުންނަށް ކުރާ ތުހުމަތުތައް ބަލަނީ

ފުލުހުންގެ މައި އިދާރާ

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައިގައި ކުރަމުންދާ ތަހުގީގުގައި ފުލުހުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނާ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

އެންއައިސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ކުރަމުން އަންނަ ތަހުގީގުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުކޮށް ވާހަކަ ދައްކަމުންދާތީ އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން ދިވެހި ފުލުހުން ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އާންމުކޮށް ހުޅުވާ ނުލައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ރޭ ކަންތައް ހިނގައި ދިޔަ ގޮތުގެ ތަފްސީލް މީޑިއާތަކާ ހިއްސާކޮށް، އަންހެން ކުއްޖާ ވެއްޓުނު އިމާރާތުގެ ތެރޭ ކަންތައް ހިނގައިދިޔަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންނަށް ދައްކާފަ އެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާއާއެކު އިތުރު ހަތް މީހަކު އުޅުނު ކަމަށާއި އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ.

އެގޮތުން އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށް ކަމަށާއި އެ ގެއިން އެ މީހުން ނުކުތީ ފަތިހު 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ.

"އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން. އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުންޏެވެ.

އަންހެން ކުއްޖާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެން ކުއްޖާއާ އެކު އެ ގެއަށް ވަން ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައި ވަނީ ފުރުން މަނާކޮށްފަ އެވެ.