Last Updated: April 24, 10:55
Thursday, April 24, 2025
ޚަބަރު

އިމާމުންނަކީ ހެޔޮ ކަންކަން ފަތުރާ ބަޔަކަށް ވާންޖެހޭ

އިމާމުންނަކީ މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވާންޖެހޭ ކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މުޚާޠަބު ކުރައްވާ އެމަނިކުފާނުވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފަ އެވެ.

އަދި ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމުކަމެއްކަމަށާއި، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ޙައިސިއްޔަތާއި ނުގުޅޭ ކަންކަން ޙިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ޢިލްމުވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައިވެ އެވެ.

އަދި ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން ޖެހޭކަމަށް ވިދާޅުވިއެވެ.