މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައިގައި ކުރަމުންދާ ތަހުގީގަށް ހުރަސްއަޅާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މި މައްސަލާގައި ފުލުހުން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރީ މިނިސްޓަރު އަމީން ދިރިއުޅޭ ގޭގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އެ ވާހަކަތައް އަމީން މިރޭ ވަނީ ދޮގުކުރައްވާފަ އެވެ.
އަމީން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށާއި އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށެވެ. އެ ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށް އަމީން ވިދާޅުވި އެވެ.
އެ ގޭގައި އެ ފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
އެ ހާދިސާގައި ދެ ކޮއްކޮއަކާ ސުވާލުކުރަން އެ ދެ މީހުން ފުލުހަށް ގެންދިޔަ ކަމަށާއި މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ގުޅާފައިނުވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.