މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މާދަމާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ނޫސްވެރީންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:45 ގަ އެވެ.
ފުލުހުން ބުނީ މި ނޫސްވެރީންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މި މައްސަލާގައި ފުލުހުން ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.