Last Updated: April 25, 23:04
Saturday, April 26, 2025
ޚަބަރު

އިހުސާންގެ ކޮރަޕްޝަން ރައީސްގެ ސަމާލުކަމަށް ގެނައި، އަޅައެއް ނުލި

ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން ބެލެހެއްޓުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަމުގައި އަޅައެއް ނުލެއްވި ކަމަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދުގެ އާއިލާއިން ބުނެފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުތައް ޝަމްއާންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ޝަމްއާންގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގަމުންދާތީ މިކަން މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައި ކަމަށެވެ. އެގޮތުން ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކުގެ މައުލޫމާތު ޝަމްއާން ރައީސަށް ފޮނުއްވި މެސެޖުގައި ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް މި މެސެޖަށް ރައީސް މުއިއްޒު އެއްވެސް ސަމާލުކަމެއް ދެއްވާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މެސެޖުގެ ޖަވާބުގައި ރައީސް ވިދާޅުވި ކަމަށް ޝަމްއާންގެ އާއިލާއިން ބުނީ "މިނިސްޓަރު އިހުސާންއާ ދެކޮޅަށް ޒާތީގޮތެއްގައި ކަންކަން ޝަމްއާން ކުރާ ކަމަށް މައުލޫމާތު ލިބިއްޖެ، އިހުސާން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރޭ އަދި ޔަގީން ނުކުރާނެކަން ވެސް، އަޅުގަނޑަށް އިވުނު ވާހަކައަކީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުމަކީ ތިޔެއް ނޫން. އަޅުގަނޑަށް ކަމުނުދާ އެތައް ގޮތަކަށް ޝަމްއާން މިހާތަނަށް ވެސް އުޅެމުން އައީ، އާޔަދާ ހިލާފަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުމާ އެކަހަލަ އެތައް ކަމެއް،" ކަމަށެވެ.

އާއިލާއިން ބުނި ގޮތުގައި، ޝަމްއާނުގެ މެސެޖާއެކު އިމިގްރޭޝަނުގެ އެތައް ކަމެއް މިނިސްޓްރީ ތެރެއިން ހުއްޓުވައި، އިމިގްރޭޝަނުގެ މުވައްޒަފުންނާއި ޚިދުމަތްތަކާ ގުޅޭ އެތައް ކަމެއް ވެސް މިނިސްޓްރީގައި ޕާކު ކުރެވުނެވެ.

މީގެއިތުރުން ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް ޝަމްއާނުގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް އޭނާ ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުން، އޭނާއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ހިމެނޭ ކަމަށް އޭގައި އޮތް ކަމަށާއި މިފަދަ ތުހުމަތެއް ކުރިން ފުލުހުން ކޮށްފައި ނުވާތީ އާއި އެފަދަ އަމަލެއް ވެސް އޭނާ ކޮށްފައި ނުވާތީ ކުށުގެ ރިކޯޑާއެކު މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްދަލު ކުރި ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

"މިނިސްޓަރު އިހުސާންއާ ޝަމްއާން ބައްލުކުރުމުން، އެއީ "އިދާރީ އޮޅުމަކުން" ހިނގާފައިވާ ކަމެއް ކަމަށް މިނިސްޓަރު އިހުސާން ބުނެފައިވޭ. އަދި ވަގުތުން ކޮމިޝަނަރު އޮފް ޕޮލިސް މިނިސްޓްރީއަށް ހާޒިރުކޮށް، ކުށުގެ ރިކޯޑު އިސްލާހުކުރުމަށް ވެސް މިނިސްޓަރު އިހުސާން އަންގާފައިވޭ. މިއަށްފަހު، ފެބްރުއަރީ 5، 2025 ގައި ދިވެހި ފުލުހުންގެ ހިދުމަތުން ދޫކޮށްފައިވާ ކުށުގެ ރިކޯޑުގައި ޝަމްއާންގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތްކަމަށް ބަޔާންކޮށްފައިވޭ،" ޝަމްއާންގެ އާއިލާއިން ބުންޏެވެ.

ޝަމްއާންގެ އާއިލާއިން ވަނީ ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކޮށްފައިވަނީ އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ދުވަހާ ޖެހިގެން އައި ދުވަހު ކަމަށާއި މިއީ އިއްތިފާގެއް ނޫން ކަމަށްވެސް ބުނެފަ އެވެ.

ބައެ ބިދޭސީމީހާގެ ފޯނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަކި ފުލުހަކާ ހަވާލުކުރުމަށް އިހުސާން އެންގި ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެކަން ކުރުމަށް ދެންނެވުމުންކަން ޝަމްއާން ބުނުމުން، އަޑުގަދަކޮށް ހަޅޭއްލެވުމަށްފަހު އިހުސާން ފޯން ބޭއްވީ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބިދޭސީ މީހާއަކީ އިހުސާނާ ގުޅުން އޮތުމުގެ އިތުރުން، މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއްގައި ބައިވެރިވެފައިވާ މީހެއް ކަމަށް ޝަމްއާނަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ޝަމްއާންގެ އާއިލާއިން ވަނީ އިންސާފުވެރި ދުވަހެއްވާކަން ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނަށް ހަނދާން ކޮށްދޭ ކަމަށް ބުނެފަ އެވެ. އަދި ޝަމްއާންއާ ދޭތެރޭގައި ކިތަންމެ ނާއިންސާފުން އަމަލު ކުރި ނަމަވެސް ދައުލަތަށް ހިޔާނާތްތެރިވާ މީހުން ބޭޒާރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.