މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ސުވާލުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެދިވަޑައިގެންފި އެވެ.
އިހުސާންއާ ކުރުމަށް މީކާއިލް ހުށަހަޅުއްވާފައިވާ ސުވާލަކީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާއި ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރުކުރީ ކީއްވެގެންތޯ އާއި އަދި މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯ އެވެ.
މިނިސްޓަރު ޑރ. ޝިހާމްއާ ސުވާލުކުރަން އެދިފައިވަނީ ޖިންސީ ކުށުގެ ގާނޫނުގާއި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާ ގުޅޭގޮތުންނެވެ. އެގޮތުން އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިޔައީ ކީއްވެގެންތޯ މީކާއިލްގެ ސުވާލުގައިވެ އެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މި މައްސަލާގައި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.