Last Updated: April 25, 23:04
Saturday, April 26, 2025
ޚަބަރު

ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން އުފުލަމުންދާ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

މި މައްސަލާގައި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އެ ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭ ކަމަށާއި ފުލުހުން މިހާތަނަށް އާންމުކުރި މައުލޫމާތުތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އަދި މިބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތްތަކާއި ތަފާތު ގޮތްތަކަށް އަމަލުކުރާނަމަ އެ ތަފާތު ގެންނަ ސަބަބު ސާފުވާންޖެހޭނެ ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

"އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ލިބޭނެކަން ކަށަވަރުކުރަންޖެހޭ،" އަޒާން ވިދާޅުވި އެވެ.