Last Updated: April 26, 05:59
Saturday, April 26, 2025
ކުޅިވަރު

އާސެނަލް އެއްވަރު، ލިވަޕޫލް ލީގު ހޯދުމާ ޕޮއިންޓަކާ ގާތަށް

އާސެނަލް 2-2 އިން ކްރިސްޓަލް ޕެލެސްއާ އެއްވަރުމުން، އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ޕޮއިންޓަކާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ލިވަޕޫލަށް 33 މެޗުން ވަނީ 79 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އާސެނަލްގެ އޮތީ 34 މެޗުން 67 ޕޮއިންޓާއެކު އެވެ.

ލީގުގައި މި ހަފްތާގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ޗެމްޕިއަންކަން މިހާރު ހޯދޭނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ތިންވަނަ މިނެޓްގައި ޔަކޮބް ކިވިއޯ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އެޒޭގެ ހިތްގައިމު ގޯލުން ޕެލެސް ނަތީޖާ އެއްވަރުކުރިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިއަންޑްރޯ ޓޮރޮސާޑް ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފަ އެވެ. މި މެޗުގައި ދެވަނަ ފަހަރަށް ޕެލެސްއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 83 ވަނަ މިނެޓްގައި މަޓޭޓާ އެވެ.

އާސެނަލަށް މިފަހަރު ލީގު ނުލިބުނު ނަމަވެސް އެޓީމަށް ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު މި ސީޒަނުގައި އެބައޮތެވެ. އެގޮތުން މުބާރާތުގެ ސެމީގެ ފުރަތަމަ ލެގުގައި އަންނަ ހަފްތާގައި އާސެނަލުން އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ނިކުންނާނެ އެވެ.