Last Updated: April 26, 05:46
Saturday, April 26, 2025
ރިޕޯޓް

ތަފްސީރު ޢިލްމުގެ މުޤައްދިމާ (ބާބު 10)

(ޑިސެމްބަރު 22 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ކީރިތި ޤުރުއާނުގެ ތަފްސީރު ދައުރުވާ އުޞޫލުތައް:

ކީރިތި ޤުރުއާނުގެ ތަފްސީރު ދައުރު ވަނީ ތިން އަސްލެއްގެ މައްޗަށެވެ. އެއީ ލަފްޒީ ތަފްސީރުގެ އުޞޫލާއި މާނައިގެ ތަފްސީރުގެ އުޞޫލާއި، ޤިޔާސް އާއި އިޝާރާތުގެ ތަފްސީރުގެ އުޞޫލެވެ.

ލަފްޒީ ތަފްސީރުގެ އުޞޫލަކީ އާޔަތްތަކުގެ ކޮންމެ ލަފްޒެއް ވަކިން ތަފްސީރުކުރުމެވެ. މިގޮތަށް ތަފްސީރު ކުރުމުގައި ލަފްޒު ތަޙްލީލުކޮށް އެ ލަފްޒެއްގެ އަސްލަށް ރުޖޫޢަވެ، ލަފްޒުގައި އެކުލެވޭ ޢަރަބި ބަހުގެ ހަމަތަކާއި ޤަވާޢިދުތައް ބަޔާންކޮށް، އެ ލަފްޒުގައި އެކުލެވޭ އެންމެހައި މާނަތައް ބަޔާންކުރުން ހިމެނެ އެވެ.

މި އުޞޫލުން ތަފްސީރު ކުރެވިފައިވާ ފޮތްތަކަށް މަޢާނީ އަލްޤުރުއާން، އަދި ޣަރީބުލް ޤުރުއާނުގެ ނަމުން ނަން ދެވިގެންވެ އެވެ.

މި އުޞޫލުން ތަފްސީރު ކުރެވިފައިވާ މަޝްހޫރު ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެ އެވެ.

1. معاني القرآن، لأبي زكريا يحيى بن زياد بن عبد الله بن منظور الديلمي الفراء (ت
207 هـ)
2. معاني القرآن وإعرابه، لإبراهيم بن السري بن سهل، أبو إسحاق الزجاج (ت 311هـ)
3. مفرداتِ ألفاظِ القرآنِ، للرَّاغبِ الأصفهانيِّ (ت: بعد 400)
4. تحفةِ الأريبِ بما في القرآنِ من الغريبِ، لأبي حيان الأندلسيِّ (ت: 745)

މާނައިގެ ތަފްސީރުގެ އުޞޫލަކީ ވަކިވަކި ލަފްޒުތައް ތަޙްލީލު ކުރުމެއްނެތި، އާޔަތުގެ ޖުމްލަ މާނަ ބަޔާންކުރުމެވެ. މީގެ ތެރޭގައި އާޔަތުގެ މައްޗަށް މިސާލު ގެނެސްގެން ތަފްސީރުކުރުމާއި، ލަފްޒެއްގައި އެކުލެވޭ ބައެއް މާނަތައް ބަޔާންކުރުމާއި، އާޔަތުގެ ނަތީޖާ ބަޔާންކުރުން ހިމެނެ އެވެ.
ޤިޔާސް އާއި އިޝާރާތުގެ ތަފްސީރުގެ އުޞޫލަކީ ތަފްސީރު ކުރުމުގައި އާޔަތުގައި ބަޔާންވެފައިވާ ކަމަކާ އެއްގޮތް ކަމެއް ހުރުމުން އެކަމަކަށް ޤިޔާސްކޮށް ތަފްސީރުކުރުމެވެ. މީގެ މިސާލަކީ ނިސާ ސޫރަތުގެ 43 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައި މީހުންނަށް އެނގިއްޖައުމަށް ދާންދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ…..!"

މި އާޔަތުގެ މާނައިގައި ޢަބްދުﷲ ބުން ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ: "އެއީ ނިންޖަށް ބަލިވެފައިވާ ޙާލަތުގައި ނަމާދާއި ގާތްނުވުމެވެ." އިޝާރާތުގެ ތަފްސީރުގެ މިސާލަކީ ސޫރަތުއް ނަޞްރަކީ ނަބިއްޔާ ﷺ ގެ އަޖަލު ގާތްވެއްޖެކަމަށް އިޝާރާތްކޮށްދޭ ސޫރަތެއްކަމަށް ޢަބްދުﷲ ބުން ޢައްބާސްގެފާނު ވިދާޅުވެފައިވާ ބަސްފުޅެވެ. މިއީ ތަފްސީރުގެ އެންމެ މަދު ބާވަތެވެ. މިގޮތަށް ތަފްސީރު ކުރުމުގައި ޝަރުތުތަކެއްވާކަމަށް އިމާމް އިބްނުލް ޤައްޔިމް -رحمه الله- ވިދާޅުވެފައިވެއެވެ.

އެ ޝަރުތުތަކަކީ:

1. އާޔަތުގެ މާނައާ ފުށޫނޭރުން.
2. އޭގެ ޒާތުގައި ސައްޙަ މާނައަކަށް ވުން.
3. ލަފްޒުން އެމާނައަށް އިޝާރާތްކުރުން.
4. އާޔަތުގެ މާނައާއި، ތަފްސީރާއި ގުޅުމެއްވުން. (ނުނިމޭ)

(މަޢުލޫމާތުގެ މަޞްދަރު: فصول في أصول التفسير، د. مساعد بن سليمان بن ناصر الطيار)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.