Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

އައްޑޫ ސްކޫލްތަކުގެ ކެޑޭޓް ކުދިން ޕެރޭޑެއް މިއަދު ހަވީރު ހިތަދޫގައި

2012 ވަނަ އަހަރު ފޭދޫގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން.

ޢީދުގެ ފާހަގަކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯ އާއި އައްޑޫ ސިޓީގެ ބައެއް ސްކޫލްތައް ގުޅިގެން އައްޑޫ ސިޓީގައި ހާއްސަ ޕެރޭޑްތަކުގެ ތެރެއިން ފުރަތަމަ ޕެރޭޑް މިއަދު، ހިތަދޫގައި އޮންނާނެއެވެ.

މި ޕެރޭޑުތަކުގައި ބައިވެރިވަނީ ފޭދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، މަރަދޫ ސްކޫލާއި، ހިތަދޫ ސްކޫލުގެ އިތުރުން ޝަރަފުއްދީން ސްކޫލުގެ ކެޑޭޓްކުދިންނާއި ބޭންޑު ކުދިންނެވެ. މީގެ އިތުރުން މި ޕެރޭޑުތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯ ގެ މުދައްރިބުން ވެސް ބައިވެރިވާނެއެވެ.

ހިތަދޫ ސްކޫލުން މިއަދު ހަވީރު 16:00 ގައި ފަށާ މި ޕެރޭޑް ނިންމަން ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލާއި ހަމައަށެވެ.

ޕްރޭޑްގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ހިތަދޫ ބޮޑު މަގުން ކުރިއަށް ދާ މި ޕެރޭޑް ބޮޑު މަގުގެ ބައެއް ސަރަހައްދުތަކަށް މަޑުކޮށް ބައެއް ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ސިމްޑީ ޝޯ ރޫމް، ނިއު ސީޒަން ފިހާރަ، ރީތި ފޮޓޯ، ބަލީނޯ ފިހާރަ ހިސާބުގެ އިތުރުން ހަސޯ ޓެއިލާރސް ކުރިމައްޗަށް މި ޕެރޭޑް މަޑުކުރާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 25 ވަނަ ދުވަހު މަރަދޫ އިން ފޭދޫ އަށް ޕެރޭޑް ކުރިއަށް ދާއިރު މި މަހުގެ 26 ވަަނަ ދުވަހު ހުޅުމީދޫގައި ވެސް ޕެރޭޑް ބާއްވާނެއެވެ.ހުޅުމީދޫ ގެ ޕެރޭޑް ހުޅުދޫ އިން ފަށާއިރު ނިންމާނީ މީދޫ ޖެޓީ ސަރަހައްދަށް ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ހަވީރު އައްޑޫގައި ޕްރޭޑެއް ބާއްވާ އިރު މިއީ އަައްޑޫ ސިޓީގައި ސްކޫލްތަކުގެ ކެޑޭޓް ކުދިން ހަތިޔާރާއި އެކުގައި ކުރާ ފުރަތަމަ ޕެރޭޑް ކަމަށް މައުލޫމާތު ލިބެއެވެ.