މާލޭގެ އިމާރާތެއްގެ މަތިން މިދިޔަ ހުކުރު ދުވަހު ފުރާޅެއްގެ މައްޗަށް "ވެއްޓުނު" ޒުވާން އަންހެން ކުއްޖާ އަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، ކުށްވެރިވާ މީހުންނަށް އަދަބު ވެސް ދޭން ޖެހޭނެ ކަމަށް މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ޝައްކު ކުރެވޭ އެތައް ކަމަށް ހުރި ކަމަށް ގަބޫލު ކުރެވޭތީ ރޭ ޒުވާނުންތަކެއް މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން ޕީއެންސީ އަށް ނިސްބަތްވާ މެންބަރު ވިދާޅުވީ އެ އެއްވުމަށް ތާއީދު ވެސް ކުރައްވާ ކަމަށެވެ.
"އަދި އެ މައްސަލައިގެ ދެފުށް ފެންނަ ފުރިހަމަ ތަހުގީގެއް ހިންގައި، އެ ހާދިސާގެ ޒިންމާވާން ޖެހޭ ފަރާތްތަކަށް އަދަބު ވެސް ދޭން ޖެހޭ." ނިޒާރު ވިދާޅުވި އެވެ.
ހުކުރު ދުވަހު ހެނދުނު އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުމާ ގުޅިގެން އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.
މަސްތުވެގެން ތިބެ ޒުވާން ގްރޫޕަކުން އަންހެން ކުއްޖޭ ރޭޕްކޮށް އިމާރާތުން ވައްޓާލީ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާ އިރު، މި މައްސަލައިގައި ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.