ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "އިނޮވޭޓިވް ހަބް" ގެ ދަށުން އުފެއްދުންތެރި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާލީ އެހީއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ، ބައިނަލްއަޤްވާމީ އުފެއްދުންތެރިކަމުގެ ދުވަހާ ގުޅިގެން އެމްއެންޔޫ އިން ވަނީ އެ ޔުނިވާސިޓީގެ ފުލް-ޓައިމް ދަރިވަރުންނަށް "އިނޮވޭޓިވް ހަބް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފަ އެވެ.
މި ފުރުޞަތަކީ އުފެއްދުންތެރި އަދި އީޖާދީ ވިޔަފާރިކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެ ދަރިވަރުންގެ ޚިޔާލުތަށް ތަޖުރިބާކާރު ބޭފުޅުންނަށް ހުށައަޅައި އެބޭފުޅުންގެ ލަފަޔާއި އިރުޝާދު ލިބި، މިފަދަ ޚިޔާލުތަކުން ފުރިގެންވާ އެތަށް ދަރިވަރުންނަކާއިއެކު މަސައްކަތްކުރުމުގެ އިތުރުން ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ދެވޭ ފުރުޞަތެކެވެ.
"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް" ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000-500،000ރ. ދެމެދުގެ މާލީއެހީއެއް ފޯރުކޮށްދެވޭނެ އެވެ.
• އެންމެ ކުޑަމިންވަރު-50،000ރ.
• މެދު މިންވަރު-225،000ރ.
• މަތީ މިންވަރު-500،000ރ.
"އިނޮވޭޓިވް ހަބް"ގެ އެންމެ ފުރުތަމަ މަރުޙަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައި ވަނީ 10 ދަރިވަރުންނެވެ. މި މަރުޙަލާގައި، ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބިގެންދިޔުމާއެކު، އެމްއެންޔޫގެ ވަޞީލަތްތަށް ބޭނުންކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ އެވެ.
ނަމަވެސް މި މަރުޙަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 ޕަސެންޓެވެ. އެގޮތުން، ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިކް ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރެވެމުން ދާނެ އެވެ.
އެމްއެންޔޫ އިން ބުނީ "އިނޮވޭޓިވް ހަބް" ގެ ފަރާތުން ބޮޑަށް އިސްކަން ދޭބީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށް ކަމަށެވެ.
އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ ޖުލައި މަހުގެ 10 އާ ހަމައަށެވެ.