ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ އާ ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
އިލިއާ ނައިޝްލާ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީގެ ކާސްޓްގައި މަޝްހޫރު އެކްޓަރުން ކަމަށް އިޑްރިސް އަލްބާ އާއި ޖޯން ސީނާ ވެސް ހިމެނެ އެވެ. "ހެޑްސް އޮފް ސްޓޭޓް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކްލެއާ ފޯސްޓާ، ޖެކް ކްއައިޑް، ޕެޑީ ކޮންސިޑީން، ސްޓެފެން ރޫޓް އަދި ސާރާ ނައިލްސް ހިމެނެ އެވެ.
"ހެޑްސް އޮފް ސްޓޭޓް" ގައި ޕްރިޔަންކާ ކުޅެފައި ވަނީ ނޮއެލް ބިސޭ ކިޔާ އެމް16 އޭޖެންޓެއްގެ ރޯލެވެ.
އޭނަ އެންމެ ފަހުން ފެނުފައިވާ ފިލްމަކީ 2023 ގެ ރޮމޭންޓިކް ކޮމެޑީ "ލަވް އެގެއިން" އެވެ. ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ދަ ބްލަފް" އާއި "ޖަޖްމެންޓް ޑޭ" އަދި ފިރިމީހާ ނިކް ޖޯނަސްގެ އާއިލީ ބޭންޑް "ޖޯނަސް ބްރަދާސްގެ "ދަ ވެރީ ޖޯނަސް ކްރިސްމަސް" ހިމެނެ އެވެ.
އޭނަގެ ކުރިއަށް ހުރި އިންޑިއާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމާއި ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު "ކްރިޝް 4" ހިމެނެ އެވެ. ޕްރިޔަންކާ އެންމެ ފަހުން ކުޅުނު އިންޑިއާގެ ފިލްމަކީ ބޮލީވުޑްގެ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.
"ހެޑްސް އޮފް ސްޓޭޓް" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޖުލައި މަހުގެ 2 ގައި ބެލުންތެރިންނަށް ދޫކޮށްލާނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.