Last Updated: April 26, 20:51
Saturday, April 26, 2025
ޚަބަރު

ފިލްމީ ތަރިން ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރަނީ

ޝިލްޕާ ޝެޓީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި.

އިންޑިއާގެ ފިލްމީ ތަރިން ބޭނުން ކޮށްގެން އެ ގައުމުގައި ރާއްޖެ ޕްރޮމޯޓް ކުރަން ނިންމާފައިވާ ކަމަށްޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްތެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާ މާކެޓަކީ ރާއްޖެ އަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި އެ މާކެޓް މިހާރު އަނެއްކާ ވެސް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އިންޑިއާ މާކެޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގަމުންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ބޮމްބޭ އާއި ދިއްލީ އާއި އަދި ސައުތު އިންޑިއާގައި ވެސް މިހާރު މާކެޓު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އަދި އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ފެނިވަޑައިގަންނަވާނެ ތި ބޭފުޅުންނަށް އިންޑިއަން ފިލްމު އިންޑަސްޓްރީގައި އެންމެ ޓޮޕްގައި އުޅުއްވާ ބައެއްކަހަލަ ފިލްމް ސްޓާސްއާ އެއްކޮށް ވެސް ރާއްޖެ މާކެޓު ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެން ދާނެ."

ތޯރިގް ވިދާޅުވީ އިންޑިއާއިން ރާއްޖެ އަށް ދަތުރު ކުރާ އެއާލައިންތަކާއި އިންޑިއާގެ ޓޮޕް އެޕްލިކޭޝަންތަކާ އެކު ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ޕްރޮމޯޝަންތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ ފިލްމީ ތަރިން ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ނިންމާފައިވާ އިރު، އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން މިހާރު ރާއްޖެ އަށް ވަރަށް ގިނައިން ޒިޔާރަތްކުރެ އެވެ. އެ މީހުން ސޯޝަލް މީޑިއާގައި އާންމުކުރާ ރާއްޖޭގެ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑަށް އިޝްތިހާރުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އިންޑިއާ ކުރެއްވި ދަތުރުގައި ވެސް މުމްބާއީގައި ފިލްމީ ތަރިންނާ އެކު ޕްރޮމޯޝަނަލް އިވެންޓެއް ބޭއްވި އެވެ.

އިންޑިއާ މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. ދެހާސް ތޭވީހުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ.