Last Updated: April 26, 20:07
Saturday, April 26, 2025
ޚަބަރު

ތުހުމަތުވާ ޒުވާނުންތަކަކަށް ފިޔަވަޅު އަޅައިފި

މިދިޔަ ހުކުރު ދުވަހު ޒުވާން އަންހެނަކު އުސް އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ޒުވާނުންތަކަކަށް ފިޔަވަޅު އަޅައިފި އެވެ.

އެގޮތުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް، އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން ވަނީ މަގާމުން މިއަދު ވަކިކޮށްފަ އެވެ.

އިޒްދިޔާން އަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ކުއްޖެކެވެ.

ދާއޫދު މަގާމުން ސަސްޕެންޑްކުރި އިރު، އޭނަ ރައީސަކަށް ހުރި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" ރައީސްކަމުގެ މަގާމުންނާއި އެ ކޮމިޓީން އިސްތިޢުފާ ދޭން ހުށަހެޅުމާ ގުޅިގެން، އެ ކޮމިޓީން މިއަދު އޭނަ ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހުކުރު ދުވަހު ހެނދުނު 21 އަހަރުގެ އަންހެން ކުއްޖާ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުމާ ގުޅިގެން އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.

މަސްތުވެގެން ތިބެ ޒުވާން ގްރޫޕަކުން އަންހެން ކުއްޖޭ ރޭޕްކޮށް އިމާރާތުން ވައްޓާލީ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާ އިރު، މި މައްސަލައިގައި ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.