Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

ގާނޫނު ތަންފީޒު ކުރުމުގައި ތަފާތު ކުރުމެއް ނޯންނާނެ

ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

މާލޭގެ ގެއެއްގެ ނުވަ ވަނަ ބުރިން 21 އަހަރުގެ އަންހެނަކު އެހެން އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި، ޤާނޫނުގެ ވެރިކަން ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނެ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ.

"އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް މިގޮތަށް ވިދާޅުވި އިރު، އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ނުފޫޒު ގަދަ ބައެއް އާއިލާތަކަށް ނިސްބަތްވާ ޒުވާނުން ހިމެނޭ އިރު، މި މައްސަލައިގެ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފުލުހުން މިއަދު ވަނީ އެ މައްސަލައިގައި ޝާމިލުވާ އެންމެންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފަ އެވެ.