Last Updated: April 28, 00:30
Sunday, April 27, 2025
ޚަބަރު

އަންހެން ކުއްޖާ ވެއްޓުން: ހާދިސާގެ ފުޓޭޖު އާންމުކުރުމުން ކަންބޮޑުވެއްޖެ

އެޗްއާރްސީއެމްގެ މެމްބަރުން

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގެ ސީސީޓީވީ ފުޓޭޖު ފުލުހުން އާންމުކުރުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާގޮތް އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ. މި ހާދިސާ ތަހްގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއްކަމަށް ތުހުމަތުކޮށް، މި މައްސަލައިގެ ތަހުގީގަށް ނުފޫޒުފޯރުވާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ، މި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރުމުގައި މި ކަންކަމަށް ރިއާޔަތްކުރާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް އައި ހިސާބުން، އަނިޔާވި މީހާގެ އާއިލާގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ކަމަށާއި، އެ އާއިލާގެ ފަރާތުން ބަހެއް ލިބިފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. މި މައްސަލައިގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތާމެދު ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް ވެސް އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ.

ޖިނާއީ ތަހުގީގެއްގެ ފުރަތަމަ މަރުހަލާގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސއްކަތްކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ، ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެކަމެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހާއި މިއަދު ވެސް ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެފަހުން ފެނިފައިވާ އިމާރާތާއި، އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ މީހުންގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި، ފުލުހުން މި މަހުގެ 22 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލައިގައި ހަމަ އެކަނި އަނިޔާ ލިބުނު ޔުމްނުގެ މައުލޫމާތު އާންމުކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީ، މިއީވެސް އެ ކޮމިޝަނުން ކަންބޮޑުވުާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބުން، އަނިޔާވެފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒްވެގެން ގޮސްފައިވާތީ، މިއީވެސް ކޮމިޝަނުގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މީޣެއިތުރުން، ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް، ހާދިސާ ހިނގައިދިޔަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިޔަގޮތްކަމަށް ދޭހަވާނެފަދަ މޭރުމަކުން ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރުމުން، އެކަމާ މެދު ވެސް އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި ހާދިސާގައި އަނިޔާވި ފަރާތާއި އެ ފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހްތިރާމްކޮށް، އެ ފަރާތުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ނުފެތުރުމަށް އެޗްއާރުސީއެމް އިން އިލްތިމާސްކުރިއެވެ.