Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

ރައީސް އަންނަ ހަފުތާގައި މެލޭޝިއާ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފުތާގައު ރަސްމީ ދަތުރެއްގައި މެލޭޝިއާ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެތަނުން ބުނީ މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި ދަތުރު ރޭވިފައި އޮތީ މި މަހުގެ 27-30 އަށް ކަމަށެވެ.

ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.އެ ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ މެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރު ކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާ މެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދިއުމަށް ވެސް ތާވަލުކޮށްފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ދަރުހެއް ވެސް ދެއްވާނެއެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސްގެ މި ދަތުރާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އޮތީ 27-30 އަށް ވަރަށް އަގުހެޔޮކޮށް މާލެ އިން މެލޭޝިއާ އަށް އަދި މެލޭޝިއާ އިން މާދެ ދެވޭނެ ފެއާއެއް އިއުލާންކޮށްފަ އެވެ.