މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގައި އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ ގާނޫނުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުން ފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.
އެ ގަވައިދުގެ ދަށުން، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންވެ، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެއާ ހިލާފަށް އެފަދަ އެއްވުންތަކާއި މުޒާހަރާތައް ނުދެއްކުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
"ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައިވެ އެވެ.