Last Updated: April 25, 23:04
Friday, April 25, 2025
ޚަބަރު

އަންހެން ކުއްޖާ ވެއްޓުނު ގެއަށް ވަންނަން ހުއްދަ ދީފި

އަންހެން ކުއްޖާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ އަށް ނޫސްވެރިން ވަންނަން އެ ގެގޭ ވެރިފަރާތުން ހުއްދަ ދީފި އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ގެއަށް މީޑިއާ ވަނުމުގެ ފުރުސަތު ދޭނެކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެ ގޭގެ ވެރިފަރާތުން މިކަމަށް ހުއްދަ ދީފައިވަނީ އެކަމަށް ފުރަތަމަ އިންކާރު ކުރުމަށްފަހުކަން ފާހަގަކޮށްލެވެ އެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.

އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:

* ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
* އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
* އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
* ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
* ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
* އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
* ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
* އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު ވިދާޅުވީ އެ 8 މީހުންނަކީ ވެސް ޔުމްނުއާ އެކު އެ ރޭ އުޅުނު މީހުން ކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށްވާއިރު، ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް މިހާރު އޮތީ އެދިފަ އެވެ.

ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ދައްކައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.