އައްޑޫ މީދޫން ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފިއެވެ. އަމިއްލަ ފަރާތަކުން މި މައްސަލަ ހުށަހަޅާފައިވަނީ ކައުންސިލުން ބިން ދޫކުރުމަށް ނިންމާފައިވަނީ މީދޫ ލޭންޑްޔޫސް ޕްލޭންގެ މަޤްޞަދު ހާސިލުނުވާ ގޮތަށް ޤަވާއިދާއި ހިލާފަށް ކަމަށް ބުނެއެވެ.
އެޕްރީލް 22، 2025 ގައި ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މީދޫ އިން 25 ބިމެއް ވަނީ އެކި ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައެވެ.
ޝަކުވާ ހުށަހެޅިފަރާތުން ބުނެފައިވަނީ ކުއްޔަށް ދިނުމަށް ހުޅުވާލި ބިންތަކުގެ ތެރޭގައި ސިމެންތި ގާ އެޅުމަށް ދޫކުރާ ބިންތަކާއި ، ވަޑާންގެ އާއި ހެވީ ވެހިކަލްގެ ޚިދުމަތްދިނުމަށް ދޫކުރާ ބިންތައް ހިމެނޭއިރު ، ބިން ދޫކުރާ ސަރަހައްދުގެ ގޮތުން މީދޫގެ ލޯކަލް ޓުއަރިޒަމް އަށް ހުރަސް އެޅިގެން ދާނެއެވެ. އަދި މިއީ މީދޫ ލޭންޑް ޔޫސްޕްލޭނާ ހިލާފަށް އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށާއި ، ބޮޑެތި ސިނާއީ ބޭނުންތަކަށް ބިން ދޫކުރަން އިއުލާންކޮށްފައިވަނީ ޓުއަރިޒަމް ޒޯނުން ގެސްޓްހައުސް އެޅުމަށް ކުއްޔަށް ދީފައިވާ ބިންތަކާ ދާދި އިންވެގެންކަމަށް އެފަރާތުން ފާހަގަ ކޮށްފައިވެއެވެ.
އެފަރާތުން ފާހަގަ ކޮށްފައިވަނީ ކައުންސިލުގެ މި ނިންމުމަކީ ރައްޔިތުންގެ މަޝްވަރާއަކާ ނުލައި، ކައުންސިލުގެ ދައުރު ހަމަވާން ކައިރިވެފައިވަނިކޮށް ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް ނިންމާފައިވާ ނިންމުމެކެވެ. "ކުރިން ރައްޔިތުންނާ މަޝްވަރާކުރެވިފައި އޮތީ އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ދޫކުރާނީ އަލަށް ހިއްކާ ސަރަހައްދުން ކަމަށް" މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ.
މިހާރު މި މައްސަލަ ބެލުމަށްޓަކައި އެލްޖީއޭއަށް ހުށަހަޅާފައިވާއިރު، އެ އިދާރާއިން މި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.
މިދިޔަ ސަރުކާރުން އައްޑޫގައި ހިންގި ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން މީދޫގައިވެސް ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި އެމަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލު ކުރެވިފައެވެ.