ފުލުހުންނަކީ އަނިޔާވެރި ވާނެ ބައެއް ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ފަދަ ފުލުހުންގެ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ހެދޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އެކަމަށްޓަކާ ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީގެ ބޭނުން ކުރަމުންދާ ކަމަށެވެ.
"ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނަށް އަނިޔާވެރި ވާނެ ހިދުމަތެއް ނޫން. ދިވެހި ފުލުހުންނަކީ އަނިޔާވެރި ވާނެ ބައެއް ނޫން،" ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ވަކިވަކި ފުލުހުންގެ ފަރާތުން ވަރަށް މަދު ހާލަތްތަކެއްގައި ފެންނަ ކަންކަމަކީ މުޅި ހިދުމަތް ރަމްޒުކޮށްދޭ ކަމަކަށް ނުހެދުމަށް އެދޭ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުން ނޫން އެހެން މަގުސަދެއް ފުލުހުންގެ މުއައްސަސާގައި ނޯންނާނެ ކަމަށާއި ރައްޔިތުންނަށް އަމާންކަން ފޯރުކޮށްދިނުމަށް 24 ގަޑިއިރު ފުލުހުން ދާނީ މަސައްކަތް ކުރަމުން ކަމަށް ސީޕީ ޝުޖާއު ވިދާޅުވި އެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހި ފުލުހުން ވާނެކަން ދިވެހި ރައްޔިތުން އަދި މި ގައުމު ހެކިވާނެ،" ސީޕީ ވިދާޅުވި އެވެ.
މީގެއިތުރުން ސީޕީ ވަނީ ހުށަހެޅޭ މައްސަލަތައް މިހާރަށް ވުރެ އަވަހަށް ނިންމަން މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި މައްސަލަތަކުގެ ވާނުވާ މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށް ވުރެ ހަރުދަނާކޮށް އަންގަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިކަންކަން ހަރުދަނާކުރަން މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
ސީޕީ މިހެން ވިދާޅުވި އިރު މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.