މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓް ކުރި ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ މާތްވެގެންދާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިއްމު ކަމެއް ނޫނޭ. މަޖާ ކުރާށޭ، ޒުވާން ކަމުގައި ތިކުދިން އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެ ކުދިން މިސް ޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވާ ބަލަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކުދިން އެމަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެންނެވެ. އަދި މި ގައުމުގައި އޮތް މާތްވެގެންދާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް ގައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެއަށް ވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާންޖެހޭނެ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެން ނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލް ވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް. އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ވެގެން ނުވާނެ ކަމަށާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ "އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއް ނޫން، ޗޮއިސެއް ނޫން އެއީ ޒިންމާއެއް، ވާޖިބެއް" ކަމަށްވެސް ވިދާޅުވެފަ އެވެ. މަރުވާނެ އިރެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި އަމިއްލަ ނަފްސަށް ތެދުވެރިވާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް މި ގައުމު ދެކެ ލޯބިނުވާ ބައެއްގެ އޮއިވަރުގައި ގައުމު ޖައްސާ ދުއްވާލުމަކީ ހެޔޮވާނެ ކަމެއް ނޫން. އަމިއްލަ ސިކުނޑިން ވިސްނަވާ،" ރައީސް ވިދާޅުވި އެވެ.