Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލާ މިރޭވެސް އިހުތިޖާޖެއް

މިރޭ ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: ރާއްޖެޓީވީ

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުންގެ އިހުތިޖާޖު މިރޭ ވެސް ފަށައިފި އެވެ.

މިރޭގެ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު، މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު އިހުތިޖާޖުގެ ބައިވެރިން އަންނަނީ ކަންބޮޑުވުން އޮތްކަން ހާމަކޮށް ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފަ އެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފަ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.