Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

ޒިންމާއިން ރެކެން ކުރައްވާ މަސައްކަތް ބަލައިނުގަންނާނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ޒިންމާއިން ރެކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓް ކުރި ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ކުރައްވާ މަސައްކަތް މި ގައުމުގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.

"ތުހުމަތު އަމާޒު ކުރުމަށް ވުރެ މިވަގުތު މުހިއްމީ މުޅި ހާދިސާގެ ތެދު މައުލޫމާތު ހާމަކުރެއްވުން،" ފައްޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާތްވެގެންދާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިއްމު ކަމެއް ނޫނޭ. މަޖާ ކުރާށޭ، ޒުވާން ކަމުގައި ތިކުދިން އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެ ކުދިން މިސް ޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވާ ބަލަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ކުދިން އެމަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެންނެވެ. އަދި މި ގައުމުގައި އޮތް މާތްވެގެންދާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް ގައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން މިރޭ ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފަ އެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފަ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.