ކުރިއަށް އޮތީ ފުލުހުން ނަތީޖާ ނެރޭނެ އަހަރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ހާއްސަ ގާނޫނުތައް ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވިފައި ކަމަށެވެ. މިއީ އިންގިލާބީ ބަދަލެއް ގެނައުމަށް ބޭނުންވާ ފްރޭމްވޯކް ފުރިހަމަކޮށް ފަހުގެ ތާރީހެއްގައި ނުދެކޭ ފަދަ ބަދަލަކާއި ދިމާލަށް ދަތުރު ފަށަން ތައްޔާރުވަމުންދާ ކަމުގެ ހެކިތައް ކަމަށް އިހުސާން ވިދާޅުވި އެވެ.
"ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުލުހުން އިސްނަގަވާ ޓާސްކްފޯސްތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައި. އައު ޤާނޫނުތަކުގެ އިމާއި ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް. ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް، ނަތީޖާ ފެންނަ ގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ އަހަރެއް،" އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއު ފެށިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަން ދެއްވާނެ ކަންތައް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް ރައްޔިތުން އެދޭ އަދި އެ ބަދަލު އިހުސާސް ކުރެވޭ ފަދަ ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒެއް ކަމަށް އިހުސާން ވިދާޅުވި އެވެ.