Last Updated: April 26, 05:59
Saturday, April 26, 2025
ޚަބަރު

މިއީ ޖަރީމާ ހިންގާ ސަރުކާރެއް، އިންސާފު ހޯދައެއް ނުދެވޭނެ

މިއީ ބޮޑެތި ޖަރީމާތައް ހިންގާ ސަރުކާރެއް ކަމަށާއި އިންސާފު ހޯދައެއް ނުދެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ދިވެހި ޒުވާނުން މިއަދު ގޮވަމުންދަނީ އިންސާފު ލިބިދިނުމަށް ކަމަށާއި ނަމަވެސް މި ސަރުރާކަށް އިންސާފު ހޯދައެއް ނުދެވޭނެ ކަމަށެވެ.

"އެއަށް ވުރެ މާ ބޮޑެތި ޖަރީމާތައް މި ސަރުކާރުން އެގެންދަނީ ހިންގަމުން،" ޝާހިދު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރާވައިގެން ހިންގާ ދޮގު ހެދުމުގެ ސިލްސިލާގެ ދަށުން މިއަދު ޒުވާނުންގެ ކުރިމަތީގައި ވެސް އެ މުއައްސަސާގެ ދުވަސް ދުއްވާލާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. މިއީ ދޮގާއި އޮޅުވާލުމުގެ ސަރުކާރެއް ކަމަށާއި އެފަދަ ކަންކަމުގައި ފުލުހުން ނުޖެހުމަށް ޝާހިދު ވަނީ ގޮވާލާފަ އެވެ.

ފުލުހުން އަމަލުކުރަންޖެހޭ ގޮތް ގާނޫނެއްގައި ލިޔެފައިވާ ކަމަށާއި އެ ގާނޫނުގެ އިމުގެ ތެރޭގައި ފުލުހުން ތިބެގެން ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

"އެއްގޮތަކަށް ވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ތިޔަ ބޭފުޅުން ބާނުވައިގެން މުޅި މުއައްސަސާ ހަރާބުކޮށްލަން އެ ކުރާ މަސައްކަތުގައި ޖެހިވަޑައިނުގަންނަވަށޭ،" ޝާހިދު ފުލުހުންނަށް ގޮވާލި އެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން އަންނަނީ މާލޭގައި ސިލްސިލާ އެއްވުންތަކެއް ބާއްވަމުންނެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ރޭ ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ހައްޔަރުކޮށްފަ އެވެ.