މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ މިނިސްޓަރު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން އެކަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒުދިޔާން މުހައްމަދު މައުމޫނު އެވެ. އޭނާ ވަނީ މިހާރު މަގާމުން ވަކިކޮށްފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން އިއްޔެ ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި މަސައްކަތް ކުރަމުންދާ ދާއޫދު ވެސް ސަސްޕެންޑް ކުރުމުގެ ބަދަލުގައި ވަކިކުރަންޖެހޭ ކަމަށާއި އަދި މިނިސްޓަރު އަމީން ވެސް މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ.
"އެއީ އަމީނުގެ ބެލުމުގެ ދަށުގައި ހުރި، އަމީނު ކުރުވާފައި އޮތް ކަމެއް މިއީ. އެޔަކުން ދެން މިހާރު ރެކެން އުޅޭނެ ކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ތަހުގީގަށް ހުރަސްއަޅަން އަމީން ބޭނުން ނުވާނަމަ ކޮމިޝަނާ އޮފް ޕޮލިސް އަށް ގުޅައިގެން ކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި މި ހާދިސާގައި ފުލުހުން ވެސް ފުރަތަމަ ކުށްވެރި ކުރަން އުޅުނީ އެ އަންހެން ކުއްޖާ ކަމަށާއި ފުލުހުން މިހާރު މަތިޖެހުމުގެ ބޭނުމުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންގެ ހައްގު ހިމާޔަތްކޮށް އަދުލުއިންސާފު ގާއިމުކޮށްދިނުމުގެ ގޮތުން ޖިނާއީ ތަހުގީގުތައް ހިންގޭ ވަރުގެ ގާބިލުކަން ހުރި މުއައްސަސާއެއް ކަމަށް ގަބޫލުކުރަން މިހާރު ދަތި ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ސީސީޓީވީ ކެމެރާ ހުންނައިރު ވެސް ފުލުހުން ގެންދަނީ ދޮގު ހަދަމުން ކަމަށް ޔާމީން ވިދާޅުވި އެވެ.