އިންސާނާ ކަންބޮޑުވާން ވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށް މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައި ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ އިންސާނާ ކަންބޮޑުވާންވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށާއި ދުނިޔޭގެ އެދުންތަކާ މެދުގައި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަމާ މެދު ކަންބޮޑުވާނަމަ، އެ މީހެއްގެ ކިބައިން ފުދުންތެރިކަމާއި މުއްސަނދިކަން ނެތިކުރައްވަފާނެ ކަމަށް އިމާމު ވިދާޅުވި އެވެ. ނަމަވެސް އާޚިރަތާ މެދު ކަންބޮޑުވާނަމަ އެ މީހަކަށް ދުނިޔޭގައި ފުދުންތެރިކަމާއި ތަނަވަސްކަން މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި. އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން. ހިތްތަކަށް ހަމެޖުހުމާއި އާރޯކަން ލިބޭނީ މާތް ﷲއަށް ތަޤުވާވެރިވެ، ކިޔަމަންތެރިވެގެން. ރިވެތި އަޚުލާޤާއި ސުލޫކު ހިފަހައްޓައި، މީހުންނަށް ހެޔޮކޮށް ހިތައިގެން." ޑރ. ޞަލާޙުލްބުދައިރު ވިދާޅުވި އެވެ.
ނަމާދުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ ނަމާދަކީ އިންސާނާއަކީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ އަލާމާތެއް ކަމަށެވެ. އަދި ނަމާދަށް ރައްކާތެރިވުމަކީ އެންމެ މުހިންމު ވާޖިބުކަމަށާއި ފަރުޟު 5 ނަމާދު ވަގުތުގައި ކަންނެތްކަމެއް ނެތި، އިޚުލާސްތެރިކަމާއެކު އަދާކުރުން ވަރަށް މުހިންމުކަމަށް އިމާމް ވިދާޅުވި އެވެ.
"ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހަލާކު ހުރިކަން ބަޔާންކޮށް މާތްﷲ ވަހީކުރައްވާފައިވޭ. ހަނދާންނެތިގެން ނަމާދު ދޫކޮށްލެވިއްޖެނަމަ ހަމައެކަނި އޭގެ ކައްފާރައަކީ ހަނދާން ވުމުން ނަމާދުކުރުން." އިމާމް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމާއި ޢިލްމު ފެތުރުމާއި މާތް ﷲގެ މަތިން ހަނދުމަކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އިމާމް އިލްތިމާސްކުރެއްވި އެވެ. އަދި ރިވެތި އަޚުލާޤު ޚިޔާރުކުރުމާއި ހަސަދަވެރިކަމާ ދުރުވުމުގެ އިތުރުން ދޫ ރައްކާތެރިކުރުމާއެކު ރިވެތި ބަހުން މުޚާތަބުކޮށް، ކުށްތައް ވަންހަނާ ކުރުމަށްވެސް އިލްތިމާސްކުރެއްވި އެވެ.
ހަމައެއާއެކު މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުމަށާއި އޯގާވެރިކަމަށް ހިތްވަރުދިނުމާއެކު ބާރު އެޅުމުގެ އިތުރުން އުރެދުމުގެ އަހުލުވެރީންނާ ދުރުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.