Last Updated: April 25, 23:04
Friday, April 25, 2025
ޚަބަރު

އެންމެ ނުބައި މީހާއަކީ ގައުމު ހަރާބުކުރާ މީހާ: ހުތުބާ

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް، ފަޟީލަތުއްޝައިޚް ޑރ. ޞަލާހު އަލްބުދައިރު ދެއްވި ހުތުބާގައި ބުނީ އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށާއި ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

"ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މީގެއިތުރުން މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށާއި ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

"އޭނާގެ ނިކަމެތިކަމާ ހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދޭށެވެ. މާތްމީހާގެ ވަޢުދު އަވަހަށް ފުއްދާނެއެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭއެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑެވެ،" ހުތުބާގައި ބުންޏެވެ.

ދުނިޔެއަކީ ދެމިހުރުން ހުރިތަނެއް ނޫން ކަމަށާއި ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެއް ކަމަށާއި އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.