Last Updated: April 25, 23:04
Friday, April 25, 2025
ޚަބަރު

ފަޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ޖޭއެސްސީން ވަނީ މިދިޔަ ފެބްރުއަރީ 26ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެއީ އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ހުސްނުއްސުއޫދެވެ. މި ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުންދަނިކޮށް ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ދެން ތިއްބެވި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ދާދިފަހުން ވަނީ ނިންމާފަ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި ބުނީ ސަސްޕެންޑް ކުރި ފަނޑިޔާރުން މަގާމުތަކަށް ވަގުތުން އިޔާދަކުރަންޖެހޭ ކަމަށާއި ޖޭއެސްސީން ބަލަން ފެށި މައްސަލަތަކާއެކު، ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި ކޯޓުތަކަށް މިނިވަންކަމާއެކު ހުކުމް ނުކުރެވޭހާ ހިނދަކު، ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމްކުރާ ގައުމަކަށް ނުވެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުގެ ދަށުން މަސައްކަތް ކުރުމުގެ ތާރީހެއް އޮތް ކޮމިޝަނެއްގެ ގޮތުގައި ފާހަގަކޮށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ޖުޑިޝަރީގެ މިނިވަންކަން ގާއިމުކުރުމަށް ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒަށް ގޮވާލާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރި އިރު، އެ ކޯޓުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުންނެވެ.