ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ މިހާރު 62،367 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެޑް ކެޕޭސިޓީ 62،367 ގައި މިހާރު ހުރި އެންމެ ގިނަ އެނދުތައް ނެރެފައި ވަނީ ރިސޯޓްތަކުންނެވެ. އެގޮތުން 175 ރިސޯޓަކުން ރި 43،153 އެނދު ނެރެފައިވެ އެވެ.
ގެސްޓްހައުސްތަކުގެ އަދަދު 818 އަށް އަރާ އިރު، ބެޑް ކެޕޭސިޓީ 13،996 އެވެ. އަދި 15 ހޮޓަލަކުން 2،038 އެނދު ނެރެފައިވާ އިރު، ސަފާތަކާއި އެ ނޫން ވެސް ޓޫރިސްޓް އުޅަނދުތަކުގެ ބެޑް ކެޕޭސިޓީ އަކީ މިހާރު 3،180 އެވެ. އެއީ 157 އުޅަނދާ އެކީގަ އެވެ.
މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އަލަށް 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެ އިން އަލަށް 1،500 އަށް ވުރަ ގިނަ އެނދު ނެރުނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 23 އާ ހަަމައަށް ރާއްޖެ އަށް ޖުމްލަ 788،650 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރު މު މުއްދަތާ އަޅާބަލާ އިރު، 7.5 ޕަސެންޓްގެ ކުރިއެރުމުކެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ (85،469 ޓޫރިސްޓުން)، އިނގިރޭސިވިލާތް (84،723 ޓޫރިސްޓުން)، ރަޝިއާ (80،668 ޓޫރިސްޓުން)، އިޓަލީ (72،000 ޓޫރިސްޓުން)، ޖަރުމަން 61،478 ޓޫރިސްޓުން)، އިންޑިއާ (39،851 ޓޫރިސްޓުން)، ފްރާންސް (30،575 ޓޫރިސްޓުން)، އެމެރިކާ (25،399 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (19،103 ޓޫރިސްޓުން) އަދި ޕޮލޭންޑް (14،651 ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.