މަސައްކަތްތެރިންގެ ހައްގުގައި އަންނަ މަހު ފާހަގަކުރާ 'މޭ ޑޭ' ގައި އެމްޑީޕީން ވެރިރަށް ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެމްޑީޕީން އަކީ އަބަދު ވެސް މަސައްކަތްތެރީންނަށް އެ އިރެއްގައި ދަތިވެފައި އޮންނަ ހައްގުތައް ހޯދައިދޭން މަސައްކަތްކުރާ ޕާޓީއެެއް ކަމަށެވެ.
އެހެންވެ މި އަހަރުގެ މޭޑޭގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ނިންމީ ކަމަށް ވިދާޅުވި އެވެ.
'މޭ ޑޭ' ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ 1 އެވެ.
ބިގޭޢ ވިދާޅުވީ އެމްޑީޕީން ބާއްވާ ހަރަކާތް ފަށަން ހަމަޖެހިފައި ވަނީ މެއި މަހުގެ 1 ވަނަ ދުވަހުރޭގެ 8:30 ގައި އާޓިފިޝަލް ބީޗުންނެ ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އޭގައި ބައިވެރިވާން އެދިވަޑައިގަތެވެ. އެ އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރީން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.