ތިންފަށްވަރިއާ ގުޅޭ ގޮތުން އިންޑިއާގައި މީގެ 40 އަހަރު ކުރިން ކުރިއަށް ގެންދިޔަ ކޯޓް ކޭހަކަށް ބިނާކޮށް ހަދާ ފިލްމެއްގެ މަސައްކަތް ބޮލީވުޑްގެ ތަރިން ކަމަށްވާ އިމްރާން ހާޝިމީ އާއި ޔާމީ ގޯތަމް ފަށައިފި އެވެ.
ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލާފައިވާ އިރު، ޔާމީ ކުޅޭނީ ތިންފަށް ވަރީގެ މައްސަލައެއްގައި 1985 ގައި ސުޕްކޯޓަށް މައްސަލަ ވެެއްދި ޝާހް ބާނޯގެ ރޯލެވެ. އިމްރާން ކުޅެނީ އޭނަގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.
އިންޑިއާގެ މުސްލިމުންގެ މަސްލަހަތާ ގުޅުން އޮތް މި ކޯޓް ކޭހަށް ބިނާކޮށް ހަދާ ފިލްމުގެ ޑައިރެކްޓަކީ "އޭކް ކިލާޅީ އޭކް ހަސީނާ" އާއި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ސުޕަން ވަރުމާ އެވެ. އޭނަ އަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް 2023 ގެ "ދަ ޓްރަޔަލް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އިމްރާނާއި ޔާމީ އެކީގައި ކުޅޭ ކުޅޭ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.
"އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރްއާ ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް އޮތް ޔާމީގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިކް އެކްޝަން ކޮމެޑީ "ދޫމް ދާމް" އެވެ. އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ މިއަދު ސިނަމާތަކަށް ދޫކޮށްލި ވަތަނީ ފިލްމު "ގްރައުންޑް ޒީރޯ" އެވެ.