Last Updated: April 27, 10:58
Sunday, April 27, 2025
ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ފުރާވަޑައިގެންފި

ރާއްޖެއަށް ވަޑައިގެންނެވި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގަންނަވައިފި އެވެ.

ފަސް ދުވަހުގެ ދަތުރުފުޅަށްފަހު އެމަނިކުފާނު ފުރާ ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

އެގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައިވެ އެވެ. އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން އިމާމުންނާއި ޚަޠީބުންނާއި ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވެވި އެވެ. އަދި ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަ ކުރައްވާފަ އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.