Last Updated: April 27, 11:56
Sunday, April 27, 2025
ޚަބަރު

މިނިސްޓަރު އަމީން މަގާމުން ސަސްޕެންޑްކުރަން ގޮވާލައިފި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގެ އިންސާފުވެރި ތަހުގީގެއް ހިންގޭނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މަގާމުން އެކަހެރިކޮށްގެން ކަމަށް އެމްޑީޕީން ބުނެފި އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ މިނިސްޓަރު އަމީނުގެ ވެސް ގެކޮޅެވެ. ޔުމްނުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އިއްޔެ އޮތް ބައްދަލުވުމުގައި ފުލުހުން އާންމުކުރި މައުލޫމާތުތަކުގައި ދެކޮޅުނުޖެހޭ ކަންކަން ހުރިކަމާއި، ތަހުގީގަށް ބާރުގަދަ ބައެއްގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ނޫސްވެރިންނާއި އާންމުން ތުހުމަތުކުރާ ކަމަށެވެ.

މި ހާދިސާއާ ގުޅުންހުރި އެއް އިމާރާތަކީ އަމީން ދިރިއުޅުއްވާ ގެ ކަމަށާއި އަދި އެ ހާދިސާއާ ގުޅުން ހުރި ބައެއް މީހުންނަކީ ވެސް މިނިސްޓަރާ އާއިލީ ގޮތުން ގުޅުންހުރި މީހުން ކަމުން ތަހުގީގަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް އަމީނަށް ރައްދުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ތުހުމަތުތަކަށް އަމީން އިންކާރު ކުރެއްވި ނަމަވެސް، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މިނިސްޓަރު އަމީން އެތައް ފަހަރަކު ގުޅަން މަސައްކަތް ކުރިކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައްކަވާ އަޑު ލައިވްތަކަށް އަރާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. މިއީ ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ އަމަލެއް ކަަމަށް ބެލުމުގެ ޖާގަ އޮތުމުން އެފަދަ މައްސަލައެއްގެ ތަހުގީގު އިންސާފުވެރިކަމާ އަދި އާންމުންގެ އިތުބާރު ލިބޭ ގޮތަށް ކުރިއަށް ގެންދެވޭނީ އަމީން މަގާމުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެެވެެ.

އެހެންކަމުން، މިވަގުތުން މިވަގުތަށް މިނިސްޓަރު އަމީން މަގާމުން އެކަހެރި ކުރުމަށް އެމްޑީޕީން ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާފަ އެވެ.