Last Updated: April 27, 10:45
Sunday, April 27, 2025
ޚަބަރު

ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި!

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެރޭ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، އާ ދެމެދު ހަމަޖެހުމެއް ހިނގިކަން އެނގިއްޖެ އެވެ.

ރައުދު ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށްވާއިރު ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އަދި އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.

ފުލުހުން މީގެކުރިން ވަނީ ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ބުނެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ. ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ. ސަރުކާރުގެ ހަރަދުގައި ޔުމްނު ބޭސްފަރުވާ އަށް މެލޭޝިއާއަށް ގެންދަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.